Saturday 6 July 2013

ޢަލީ ހަމީދު އަހުރެންނާއި ރަށްޓެހިވުމާއި، ރުޅިވެ ދުވެފިލުން

ޢަލީ ހަމީދު އަހުރެންނާއި ރަށްޓެހިވިއެވެ. ވަރަށްބޮޑަށް ރަށްޓެހިވިއެވެ. މިކަމެއް ހިނގަނީ، އަހުރެން ހަނދާންވާގޮތުގައި 2009ވަނަ އަހަރު ފަހުކޮޅުއެވެ. އެއީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މެމްބަރުގެ ގޮތުން އަހުރެން މަސައްކަތްކުރަންފެށިތާ ކުޑަދުވަސްކޮޅެއްފަހެވެ. ކުރިން ހިނގަމުން އައި ހ. ސަންލީޓް އިން ކޮމިޝަން ގެ އިދާރާ ތީމުގޭ ވަލުދޮރާށްޓަށް ބަދަލުވެ، އޭރު ހައިކޯޓް ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު އާއ އަހުރެންނާ ބައެއް ފަހަރު އެ ދޮރޯށިން ވަދެ ނިކުތުމުގައި ބައްދަލުވެއެވެ. ހައިކޯޓުވެސް ތީމުގޭ ވަލުދޮރޯށީގައި ހުރުމުންނެވެ.
ކޮންމެއަކަސް، އަލީ ހަމީދު އަހުރެންގެ ބެސްޓްފްރެންޑް މެދުވެރިކޮށް އޭނާ އަހުރެންނާ ބައްދަލުވާން ބޭނުންވާ ވާހަކަ ބުނެ، ކޮފީ އެއްގައި ބައިވެރިވެލާން ދިއުމަށް ދައުވަތު ދިނެވެ. އެވަގުތު އަހުރެންނާއި ބެސްޓްފްރެންޑް ތިބީ ކޮފީއެއްގައި ކަމަށްވުމުން ދެވޭގޮތެއްނުވިއެވެ. އެހެންނަމަވެސް، ފޯނުން ވާހަކަ ދައްކާލާ ދެން ރަށްޓެހިވީއެވެ.
ދެން އަލީ ހަމީދު އާއި ދިމާވި ދުވަހު މިއޮތީ ރަށްޓެހިވެނިމިފައެވެ. މާރަގަޅަކަށް ކޮންތާކުންކަމެއް މިވަގުތަކު ހަނދާނެއްނެތެވެ. ހަނދާންހުރީ އަހުރެން ފެނުމާއެކު އަލީ ހަމީދު އުފަލުން ދުވެފައި އައި ގޮތެވެ. އަހުރެން އަޖައިބުކޮށްލި ހަލުވިކަމެއްގައި ދުވެ އައިސް، ގާތްކަމާއި އެކުވެރިކަމުގެ ސަލާމަކުން އަހުރެންގެ ކޮނޑުގައި ޖަހާލި އިރު އަލީ ހަމީދުވެސް އޭނާގެ ބަރުމިނާއި އަހުރެންގެ ސައިޒް ހަނދާނެއް ނެތެވެ! ދެތިން ދުވަހަކު ތަދު ހުށްޓެވެ! J
ކޮންމެއަކަސް އަލީ ހަމީދު އާއި އަހުރެންނާ ރަށްޓެހިވީއެވެ.
ދެން، މި ރަށްޓެހިކަމުގައި އުޅެ، އަދި ވަގުތު ދިމާނުވެގެން ކޮފީއަކަށް ދިމާނުވެވިގެން އުޅެނިކޮށް، މާ ބޮޑު ކަމެއް ލައިގެންފިއެވެ. އެއްކަލަ އަލީ ހަމީދު ވިޔާނުދާކަމެއްކޮށްލީއެވެ.
ފަނޑިޔާރެއްގެ ކިބައިގައި ހުންނާންވާ އަޚްލާޤް އަލީ ހަމީދުގެ ކިބައިގައި ނެތްކަން، އޭނާ އަމިއްލައަށް އާއްމުކޮށް އިއުލާންކުރީއެވެ. ހައިކޯޓުގެ މައްޗަށާއި ޢަދުލް އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކަނޑާލީއެވެ. މިކިޔަނީ، އަލީ ހަމީދު އަމިއްލައަށް ސޮއިކޮށް، ހައިކޯޓުގެ ތައްގަނޑު ޤާނޫނާއި ޚިލާފަށް ބޭނުންކޮށް އެތައްގަނޑު ޖަހައި، ހައިކޯޓުގެ 5 ފަނޑިޔާރުންގެ ތެރެއިން އެހެން 2 ފަނޑިޔާރަކާއި ބައިވެރިވެ 21 ޖެނުއަރީ 2010 ގައި ނެރުނު އާއްމު ޤަރާރުގެ ވާހަކައެވެ.  އަހުރެންނަށް ފެނުނު ގޮތުގައި އެއީ ޑިމޮކްރަސީގެ ހަމަތައް މުގުރާލައި، މި ޤާނޫނުއަސާސީގެ ބާރުކަނޑާލި މިޔުޓިނީ އެކެވެ. ހައިކޯޓުގެ 5 ފަނޑިޔާރުންގެ ތެރެއިން 3 މީހަކު ބައިހަދައި ޤާނޫނުއަސާސީއާއި ޤާނޫނުއަސާސީއިން ނަގަހައްޓާ ހަމަތަކާއި މުޅީން ޚިލާފަށް ހިންގި އަމަލެކެވެ. ދަށު ދަރަޖައިގެ އަމަލެކެވެ. އެދުވަސްފަހަނައަޅައި ގޮސް، މިހާރު ފަހުން މިފެނުނުގޮތުގައި، އެއީ ޤާނޫނުއަސާސީއާއި ދެކޮޅަށް، ވަރިކަން ބަދަލުވެ، ވެރިކަމުގެ ނިޒާމު ފުށުންޖަހައި އައު ޑިމޮކްރަޓިކް ވަރިކަމުގެ ނިޒާމު ޤާއިމުކުރުމާއި ދެކޮޅަށް ދައުލަތުގެ އެކި މުއައްސަސާތަކުގެ ތެރޭ ހިންގި މިޔުޓީނީ ތަކުގެތެރެއިން ފުރަތަމަ މިޔުޓިނީއެވެ. އެކަމުގެ ފަހަތުގައިވެސް ބަޔަކު ތިބެގެންނެވެ. އަހުރެންނަށް ފެންނާންހުރިގޮތުގައި، 7 ފެބްރުއަރީ 2012ގައި ކުރި ބަޣާވާތް ކާމިޔާބުކުރީ 2008ން ފެށިގެން އަޅަމުންދިޔަ ކުދި ފިޔަވަޅުތަކަކުންނެވެ. އެކި ދިމާލުން ހިންގި މިޔުޓިނީ ތަކަކުންނެވެ.
ކޮންމެއަކަސް އެދުވަހު، 21 ޖެނުއަރީ 2010ގައި، ހައިކޯޓު 3 ފަނޑިޔާރުންގެ އާއްމު ޤަރާރަކުން ޤާނޫނުއަސާސީގެ ދަށުން ފަނޑިޔާރެއްގެ ކިބައިން ފެނިގެންނުވާނެ ހުރިހާ ސިފައެއް އޭރު ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގައިހުރި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ކިބައިގައިހުރެ އޭނާ ހައިކޯޓުން ޖުޑިޝަލް ސަރވިސް މެމްބަރުކަމުން ވަކިކޮށްފީމޭ ބުނެ އިއުލާން ކުރުމުން، އެ ހިނދުން އެހިނދަށް، ޢަބްދުލްޣަނީ ވަކިވެއްޖެއެވެ! އޭރު ޢަބްދުލް ޣަނީ ހުރީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައެވެ. ނައިބު ރައީސްއަކީ މުޖުތާޛު ފަހްމީއެވެ. ކޮމިޝަނުގެ ކުރިމަތީ އޮތީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ސްކްރީންކޮށް އައު ފަނޑިޔާރުގެ ޤާޢިމުކުރުމުގެ މަސައްކަތެވެ. މުޖުތާޛު ފަހްމީ ގެ ދެކޮޅު ހެދުމުގެ ސަބަބުން ޢަބްދުލްޣަނީ އަށް  މިކަން ކުރާން އެޖެންޑާ ނުކުރެވި އުޅޭތާ އެތައް މަހެކެވެ.
ކޮމިޝަނުގެތެރޭގައި އެދުވަހު ހައިކޯޓުގެ ޤަރާރު މައްސަލަ ވަރަށް ހޫނުވިއެވެ. ކޮމިޝަނުގެ ޤަވާޢިދެއް ޤާނޫނެއް ޢުޞޫލެއް މިކަމަކު ނުހިނގިއެވެ. ރިޔާސަތާއި ހަވާލުވި އޭރުގެ އިންތިޤާލީ ސުޕްރީމްކޯޓުގެ ފަނޑިޔާރު މުޖުތާޛް ފަހްމީ  ގެ ރައުޔުއަކަށްވީ "ހައިކޯޓުގެ 3 ފަނޑިޔާރުންގެ އަޚްލާޤީ މައްސަލައެއް ބަލަން އުޅުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމެއް" ކަމަށެވެ. ކޮމިޝަނުގައި ފުރަތަމަ އަޑުގަދަވެ ޒުވާބު ހިނގި ދުވަހެވެ.
އެދުވަހުގެ އެޖަލްސާ ނިމިގެން އަހުރެން ނިކުންނަނިކޮށް އެއްކަލަ އަލީ ހަމީދު އަށް ފެނިއްޖެއެވެ. އަހުރެންނަށް ބަލާލެވުނު އިރު، ތީމުގޭ ގޯތިތެރެއިން ހެވި ދިލިފަ ސައިކަލުގައި ދޮރޯއްޓާއި ދިމާލަށް އެބައާދެއެވެ. އަހުރެންނަށް އަލީ ހަމީދު އެދުވަހު ފެނުމުން ވަގުތުން އަނބުރާލާފައި ގޮސް އެތާހުންނަ "ގާރޑް އޮފީސް" ބިއްދޮށުގައި ފިލައިފީމެވެ. އަދި އަހުރެންގެ ކުއްލި ހަރަކާތުން އެތާހުރި ކޮންމެވެސް މީހަކު "ކިހިނެއްވީތޯ" ސުވާލުކޮށްލުމުން، "މިއަދު އަލީ ހަމީދު އަށް އަހުރެން ބުނާންއޮތްއެތި ނުބުނާންވެގެން، އަނގައިން ބުނެފިއްޔާ ބުނެވިދާނެތީ ދުރަށް ޖެހިލީ" ކަމުގައި ބުނީމެވެ. އަހުރެން ޖަވާބުދިނީ ވަރަށް ބާރަށް އަލީހަމީދަށް އަޑުއިވެންޏާ އިވޭވަރަށެވެ. ކޮންމެއަކަށް އެއްކަލަ އަލީހަމީދުއަކަށް އަހުރެންނަށް ގޮވާލާކަށްވެސް ނުކެރުނެވެ. އަވަހަށް އެތަނުން ގޮއްސިއެވެ.
އެދުވަހަށްފަހު އަލީ ހަމީދު ގެއްލިއްޖެއެވެ.
ދެން ވާންފެށިގޮތަކީ އަލީހަމީދު އަހުރެން ފެންނަ އިރަށް ފިލަން ދުވާން ފެށީއެވެ.  ޢަބްދުﷲ ސަޢީދު އާއި އަހުރެންނާއި ބަދަހިވެފައިވާ ގާތް ރަށްޓެހިކަންވެސް ގެއްލުނީ އެދުވަހުއެވެ. 21 ޖެނުއަރީ 2010އެވެ.
އެ ދުވަހަށްފަހު އަލީ ހަމީދު އަހުރެންނަށް ފުރަތަމަ ފެނުނީ އަނެއްކާވެސް އެއް ދުވަހަކު އަހުރެން ކޮމިޝަނުން ނިކުތްތަނާއެވެ. އެދުވަހު އަހުރެން ތީމުގޭ ވަލުދޮރޯށިން މަގުމައްޗަށް ނިކުތްއިރު އަލީހަމީދު ސައިކަލުގައި އާދެއެވެ. ދެންވީ މާ އަޖައިބުކަމެކެވެ. އަލީ ހަމީދަށް އަހުރެން ފެނުމާއެކު، ކުއްލިއަކަށް ތެޅިގެންފައި، ސައިކަލު އަނބުރާލާފައި މަގުން އައިކޮޅަށް ދުއްވާލައިފިއެވެ. އެއީ ވަން-ވޭ މަގެއްގެ ނުބައިކޮށެވެ. އަހުރެންގާތަށް އައީ ހިންޏެވެ. އޭނާގެ އަމަލުން އޭނާއަކީ ކުށްވެރިއެއްކަން އޭނާ އަހުރެންނަށް ކުޑަވެސް ޟައްކެއްނެތް މިންވަރަށް އަންގާލަދިނުމުންނެވެ.
އަނެއްކާވެސް ދުވަސްތަކަކަށްފަހު، އެއްކަލަ ބޮޑު ދޮގުހުވާ ގެ ވެސް ފަހުން، ދެން އަހުރެންނަށް އަލީ ހަމީދު ފެނުނީ ހޮނިހިރު ދުވަހެއްގެ ހެނދުނު ފެންޓަސީ ސްޓޯރ ގެ ތެރެއިންނެވެ. އަހުރެން ފެންޓަސީ ސްޓޯރަށް ވަންއިރު އެތަނުގައި މުޙައްމަދު ޝިހާބު ހުންނެވިއެވެ. އާއިލާ އާއެކު ބާޒާރުކުރައްވަން ވަޑައިގެންނެވެ. މަޑުލު މުޙައްމަދު ވަހީދުވެސް އުޅުއްވިއެވެ. ކޮންމެއަކަށް މި ބޭފުޅުންނާ ސަލާމްކޮށްލާފައި، އަހުރެން ބޭނުން އެއްޗެހި ހިފައިގެން ކައުންޓަރ ކައިރިއަށް ގޮސް ހުއްޓި ކިޔޫގައި ހުއްޓައި އެދިމާ ބިއްދޮށު ހަރުގަނޑެއްގެ ބިއްދޮށުން މީހަކު ސިއްރިސިއްރުން ބޯދިއްކޮށް ބަލާލާފައި ފިލައިފިއެވެ. ކުޑަ ކުއްޖަކު ފެންނާން ހުއްޓެވެ. އަހުރެން ކުޑަކޮށް ފަހަތަށް ޖެހިލައި، ކިޔޫ އިން ބޭރުވެ އެތާ ހަރުގަނޑުގައި ހުރި އެއްޗެހި ބަލަން ހުއްޓާ އަނެއްކާވެސް ބޯދިއްކޮށް ބަލާލައިފިއެވެ. މިފަހަރު އަހުރެންނަށް ރަގަޅަށް ފެނިއްޖެއެވެ. އަސްތާ! އެއްކަލަ ޢަލީ ހަމީދުއެވެ!
އަނެއްކަންތަކާ ޖެހުނީއެވެ. އަހުރެން މިހުރީ ފެންޓަސީ ސްޓޯރ ޕޭމަންޓް ކައުންޓަރ ތައް ކައިރީއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރު މިއޮންނެވީ ފެންޓަސީ ސްޓޯރުގެ ހަރުގަނޑެއް ބިއްދޮށުގައި ބޮނދާ، ފިލައެވެ. އަހުރެންނާ ދިމާވެދާނެތީ ގަންނާކުރެއްވިބިރުން އޭނާއަށް ނިކުންނާން ނުކެރިފައެވެ!
އަހުރެން، އެ ހިސާބުން ފެށީ ފެންޓަސީ ސްޓޯރުގެ މަގުމައްޗާއި ދިމާލަށް ހުރި ހަރުގަނޑުތައް ރަގަޅަށް ބަލާލާށެވެ. ދޭތެރެއަކުން އެއްކަލަ ބޯ ބިއްދޮށުން ދިއްކޮއްލައެވެ. އަހުރެން ފެންނަ ކަމަކަށް ނުހަދަމެވެ. ކޮންމެއަކަސް މިގޮތަށް ހަރުގަނޑުތައް ބަލާލަން ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެއްޓު އެނބުރިލާފައި އަހުރެން ނިކުމެގެން ގޮއްސީމެވެ.  އަލީހަމީދު އާއި އެކު ހުރި ކުޑަކުއްޖާ ހުރީ ގެޔަށް ދާންވެފަކަން ފެނި، އޭނާ އަށް ހަމްދަރްދީވެ، ދެން އިތުރަށް އަލީހަމީދު ހިސޯރުކޮށް ހުންނާން އަހުރެންނަށް ކެތްނުވީއެވެ.
އަދި މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. މިއީ ކުޑަކުޑަ ވާހަކައެކެވެ. މުޅި ދިވެހި ޤައުމު ޢަލީ ހަމީދުގެ ނަން ކިޔަމުންދާއިރު، އަހުރެންނާ ދިމާވި ޢަލީ ހަމީދުގެ ވާހަކައެއް މިވަގުތަށް ކިޔާލަދިނީއެވެ.

(ނިމުނީ)


4 comments:

  1. މުނަޖޭ ވީދިބަލަ މިހިރަ ހިމާރާ

    ReplyDelete
    Replies
    1. ހާދަ ރުޅިއައިސްގެން ކޮމެންޓް ތިކުރި... ތިނެއްކާ ހަލީ ޖަގިޔާ ހަމީދުތަ؟

      Delete
  2. V.reethi vaahakaeh,anna Ramazaan mahu kuruvaahaka mubaaraathah fonuvan feney,,hahah

    ReplyDelete