Saturday 20 July 2013

ކެޗް މީ އިފް ޔޫ ކެން! އާދަނު މޮޔަވެ ވެލެޒިނީ ފަހާދުވިދުވަސް

އެއީ 2011ވަނަ އަހަރުގެ މާރޗް މަހުގެ ދުވަހެކެވެ. އެއީ ޖުޑިޝަލް ސަރވިސް ކޮމިޝަން މުރާޖަޢާކުރުމަށް އ.ދ. ގެ އެހީގައި ގެނައި ކޮންސަލްޓަންޓް ޖަސްޓިސް ޕްރޮފެސަރ މަރޭ ކެލަމް (އާދަނު ކިޔާ ނަމުންނަމަ މޭރީ) ކޮމި ޝަނުގެ އިދާރާގައި މަސައްކަތްކުރައްވާން އިންނެވި ދުވަހެކެވެ.
އެދުވަހު ހެދުނު އަހުރެން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދިޔައީ ކޮމިޝަނުގެ ނިންމުންތައް ނުލިބޭތީ އެ ހޯދާށެވެ.
ކޮމިޝަނުގެ ނިންމުންތަކަކީ އާއްމުކޮށް ފެންނާން ހުންނާންޖެހޭ ލިޔުންތަކެކެވެ. އަދި ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ އާއި ނިންމުންތައް ޤަވާޢިދުން މެމްބަރުންނަށް ފޮނުވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ބުނެއެވެ. އެހެން ނަމަވެސް މިއީ ހިނގާ ކަމެއް ނޫނެވެ.
އަހުރެން ކޮމިޝަނުގެ އިދާރާއަށް ވަދެ 2010ވަނަ އަހަރުގެ ކޮމިޝަނުގެ ނިންމުންތަކުގެ މާސްޓަރފައިލް ކޮބައިތޯ ސުވާލުކުރީމެވެ. ފައިލް އިން ހަރުގަނޑު ދައްކާލީމާ އަހުރެން އެފައިލް ނަގައިގެން ފޮޓޯކޮޕީ މެޝިން ކައިރިއަށް ގޮސް ފޮޓޯކޮޕީ ނަގަން ފަށައިފީމެވެ. ފުރި ބަންޑުން ދާވަރަށް ކަރުދާސް ފައިލްގައޮތެވެ. އަހުރެން އެތާއިން ކަރުދާސްހުރި ފޮށިގަނޑެއް ކައިރިކޮށްލާ ފޮޓޯކޮޕީ ނެގެމުންދިޔަ ކަރުދާސްތައް އެފޮށްޓަށް ލާން ފަށައިފީމެވެ. އޮރިޖިނަލް މާސްޓަރފައިލްއަށެވެ.
އެ ހިސާބުން "ވެރިން" ނަށް ޚަބަރުވެ، ކޮމިޝަނުގެ ޑެޕިޔުޓީ ލީގަލް އޮފިސަރ ޢަބްދުލް ފައްތާހް ޢަބްދުލް ޣަފޫރު ނިކުމެވަޑައިގެން އަހުރެން ފަހަތު ގަ ހުއްޓި ބާރަށް ހަރުއަޑުން "ތިހެނެއް ނުހެދޭނެއޭ؛ މަނާކަމެކޭ؛ ޤާނޫނޭ، ޤަވާޢިދޭ" ކިޔާ އެއްޗެހިތަކެއް ކިޔައިފިއެވެ. އަދި އެއްވެސް މުވައްޒަފަކު އެހީވެއްޖެނަމަ ކުށްވެރިވާނެ ކަމުގެ އިންޒާރުދީފިއެވެ. ކޮމިޝަން ހުންނަނީ ބޮށު އެއް ކޮޓަރިއެވެ. ދެން ފައްތާހު ކަހަލަ ވެރިންގެ ކޮޓަރިތަކެވެ. މެމްބަރުން އިށީނދެ މަސައްކަތްކުރާނެ ޖާގައެއް ތަނެއް ނުހުރެއެވެ.
ދެން، އަހުރެންވެސް ފައްތާހުގެ ވާހަކަ އަޑުއަހާލުމަށް ހުއްޓި ހުރުމަށްފަހު، އެ ނިމުމުން އަހުރެންވެސް ވާހަކަ ފަށާ އަޑުހަރުކޮށް ޤާނޫނުއަސާސީ އާއި ޑިމޮކްރަސީގެ މަފްހޫމްތައް ކިޔައިދީ މުވައްޒަފުން ބިރުނުގަތުމަށްބުނެ ތަޤްރީރެއް މުވައްޒަފުންނަށްފީފީމެވެ.
އޭރު ފައްތާހް ފުލުހުންނަށް ގުޅާނަމޭ ކިޔާފައި އެތަނުގަ ފުލުހަކު ހުއްޓާ ފައްތާހަށް ފެނިގެން އަހުރެން ހުއްޓުވާން ފައްތާހު އޭނާއަށް އަމުރުކޮށްފިއެވެ. އަދި ތިޔައީ ފުލުހެކޭ ބުނެ، އެނާގެ ޤާނޫނީ ވާޖިބުވެސް ފައްތާހު ޤާނޫނީގޮތުން ކިޔައިދެމުންދިޔައެވެ.
އެ ފުލުހަކީ އަހުރެން ހަށިފާރަވެރިއަކަށް އެދުވަހު ހުރި ބޮޑީގާރޑެވެ. ޖެނުއަރީ 2011ގައި އަހުރެންގެ މައިބަދައަށް އަމާޒުކޮށްދިން ހަމަލާއަށް ފަހު ބޮޑީގާރޑުންނާއެކު އުޅުނު އިރު އާއްމުކޮށް ތިބެނީ އަންހެން ފުލުހުންވިއަސް އެދުވަހު ހުރީ ފިރިހެންބޮޑީ ގާރޑެކެވެ. އަހުރެން އެދުވަހު ކޮމިޝަނުތެރެއަށް އޭނާ ގޮވައިގެން ވަދެ ފޮޓޯކޮޕީ ނެގީ އޭނާ ގާތު ބަހައްޓައިގެންނެވެ.
އޭނާ އޭނާގެ މަސައްކަތުގައި ހުރީއެވެ. އަހުރެންނާ ގާތްވެ އެކަން އެކަން ހުއްޓުވާކަށް ފައްތާހަކަށް ނުކެރުނެވެ. ފައްތާހު ބުނެބުނެ އަހުރެން ހުއްޓުވާކަށް ފުލުސްމީހާ ނުގުޑިއެވެ. އަޑު އިވޭކަމެއްވެސް، ކަމެއް ފެންނަކަންވެސް މޫނުމަތިން ނުދައްކާ އެތާހުއްޓެވެ.
އަހުރެން ފޮޓޯކޮޕީ ނަގަމުން، އެތާ އެވަނީ ކީއްކަމާއި އަހުރެންމިކުރަނީ ކީއްކަމާއި ކީއްވެކަން މިކަން މިގޮތަށް ކުރަންޖެހުނީ އިނގިރޭސިން ޕްރޮފެސަރ މަރޭ އަށް ކިޔައިދެމުން ގެންދިޔައީމެވެ. ބާރަށެވެ. އޭރު ހަމަ ދިމާ ފަހަތުން މި ކުޅިވަރު ދެކި އަޑުއަހާން ޕްރޮފެސަރ މަރޭ ހައިރާންވެފައި އިންނެވުމުންނެވެ.
ފައްތާހު ހުއްޓާނުލާ މުވައްޒަފުންނަށް ކިޔައިދެއެވެ. ފައްތާހު ކިޔައިދީ ނިމޭއިރަށް އެ މަފްހޫމްތައް އަހުރެން އަލުން ކިޔައިދެމެވެ. އިހު ކިޔާ ގޮތާއި މިއަދި ކިޔާންވީގޮތެވެ. ޤާނޫނުއަސާސީ އާއި ޑިމޮކްރަސީއެވެ. ފޮޓޯކޮޕީ ނަގާ ފޮށިވެސް ދިޔައީ ފުރެމުންނެވެ.
ދެން ފައްތާހަށް ނުހުއްޓުވުމުން، ދެން ހަދާގޮތެއް ހަދަން ފައްތާހުގޮއްސިއެވެ. ވާނޭގޮތާއި ހަދާނޭގޮތާއި ލިބޭނެ އަދަބުވެސް ކިޔައިދީފައެވެ. މިހާރު އެކީހާއެއްޗެށް ސާފުކޮށް ހަނދާނެއް ނެތެވެ.
މިހުންނަނީ އޭރު ކޮމިޝަންތެރޭ މާ އައުކަމެއް ނޫންވުމުން މުވައްޒަފުން އެކަމާ މާބޮޑު ސަމާލުކަމެއްނުދީ އެމީހުންގެ މަސައްކަތުގައި ތިއްބެވެ. އަހުރެން ނަގަމުން ދިޔަ ފައިލް ކޮޕީ ނެގޭވަރަށް އިތުރު ކަރުދާސްރީމް ގެނެސްދިނެވެ. ފޮޓޯކޮޕީމެޝިނުން ފަހަރަކު ގަނޑެއް ލައްވާ ނުނަގާ އެއަށްވުރެ ފަސޭހައިން ކޮޕީ ނެގޭނެގޮތް އެކަކު ބުނެލަދިނެވެ. މިހުންނަނީ އަހުރެންނަށް އެނގޭކަންކަމެއް ނޫނެވެ.
މުޅި ފައިލް ފޮޓޯކޮޕީ ނެގުމަށްފަހު، މާސްޓަރފައިލް އަނބުރާ މުވައްޒަފުންނާ ހަވާލުކޮށް ހަމަތޯ، ތަރުތީބުތޯ، ބެލުމަށްދީފައި، ކޮޕީނެގި ކަރުދާސްތައްހުރި ފޮށިގަނޑުގައި ކޮމިޝަނުގެ ނިންމުންތައް ފިޔަވައި އެހެންލިޔުމެއްތޯ ޗެކްކޮށްލަން ފައްތާހު ވަޑައިގަތުމަށް އެދުނީމެވެ. ފައްތާހެއް ނުބެއްލެވިއެވެ. އަނެއްކާވެސް ނިކުމެ "ނުގެންދެވޭނެއޭ؛ މަނާކަމެކޭ، ޤާނޫނޭ، ފިޔަވަޅު އަޅާނަމޭ" ކިޔަންފަށައިފިއެވެ.  އަހުރެންނަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރެއްކަން ފައްތާހަށް ހަނދުމަކޮށްލަދީފައި ކޮޕީނެގި ކޮމިޝަނުގެ 2010ގެ ހުރިހާ ނިންމުންތައްހުރި ފޮށިގަނޑު ނަގައި ކިހިލިޖަހައިގެން އަހުރެން ހިނގައިގެންފީމެވެ.
ފައްތާހު ހަޅޭއްލަވައެވެ.
އަހުރެން ކޮމިޝަނުގެ އިދާރާއިން ބޭރަށް ނުނިކުމެ ދިޔައީ ކޮމިޝަނުގެ އެތެރޭން ވަދެވެން ހުންނަ ދޮރުން ކޮމިޝަނުގެ ޖަލްސާތައް ބާއްވާ ބޮޑު ކޮޓަރިއަށެވެ. އަހުރެންގެ ފަހަތުން އެއްކަލަ "ފުލުސްމީހާ" ވެސް އައެވެ.
އެދުވަހުވެސް، އާދައިގެމަތީން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އޮންނަ "ޢަބްދުﷲ މުޙައްމަދުގެ މައްސަލަތައްބަލާ ތަޙްޤީޤްކޮމިޓީ" ގެ ބޭފުޅުން އެތާތެރޭ މަސައްކަތުގައި ތިއްބެވިއެވެ. ކޮންމެވެސް ޔައުމިއްޔާއެއް ބޮޑު ސްކްރީން އަށް އަޅުވައި ދެބޭފުޅުން މަޝްވަރާކުރައްވައި އިމްލާ ކުށް ކަނޑުއްވަމުންދިޔަ ދުވަހެކެވެ. އޭރު އެކޮމިޓީއެއް ހިންގާތާ އެތައް މަހެއް ވެއްޖެއެވެ. ޢަބްދުﷲ މުޙައްމަދު އެއްބާރުލުން ނުދޭތީ، ދެން ދެން، ލަސްލަހުން ކުރިއަށްދަނީއެވެ. އެދުވަހު ތިއްބެވީ އަލިތަރި އިބްރާހިމް ރަޝާދު އާއި ކުރީގައި ފަނޑިޔާރަކަށް އުޅުއްވި ސައުދެވެ.
އަހުރެން އެތަނަށް ވަދެ، އެބޭފުޅުން ކަމެއް ކޮށްދެއްވާންވެއްޖެއޭ، އަހުރެން މިގެންދާ ފޮށިގަނޑުތެރޭ ކޮމިޝަނުގެ ނިންމުންތައް ފިޔަވައި ލިޔުމެއް އޮތްތޯ ބައްލަވައި މިކަމަށް ހެކިވެދެއްވާށޭ ދަންނަވައިފީމެވެ.  ކެރިވަޑައެއްނުގަތެވެ. ރަޝާދު މޫނުމަތީންވެސް ބިރުން ފިއްކަނޑައިގެން ގޮއްސިކަން ފެނެއެވެ. ދެން އަހުރެންވެސް، މޭޒުމަތީ ފޮށިގަނޑު ބަހައްޓައި މިކުރަނީ ކީއްކަން ކިޔާ އެބޭފުޅުން އަރިހު ވާހަކަ ދައްކާލަން މަޑުޖެހިލިތަނާ، ކުއްލިއަކަށް އެތެރޭންވަންނަދޮރުން ޓްވީޝްލާފައި އެވަނީ އާދަމް މުޙައްމަދެވެ!
ބާރަށް އައިސް ކުއްލިއަކަށް ދޮރު ހުޅުވާ އަހުރެންނާ ދިމާލަށް ދުއްވައިގެންފިއެވެ. ރަޝާދާއި ޞަޢުދުވެސް ސިއްސައިގެން ބަލަހައްޓަވައިގެން ތިއްބެވިއެވެ. ބިރުގެންފައެވެ. އިދާރީ މޭޒު އިންނެވި މުވައްޒަފުވެސް ހަމައެހެންނެވެ.  އާދަނު އެއްޗެހިގޮވަމުން، ނުގެންދެވޭނެއޭ ގޮވަމުން ގަޔާދިމާލަށް އައެވެ. މޭޒުވަށާއައިސް އަހުރެންނާ ހަމަވިއިރު އަހުރެން ފޮށިގަނޑުނަގާ ކިހިލި ޖަހައިފީމެވެ.
"ގެންދެވޭނެއޭ، މީ 2010 ގެ ނިންމުންތަކޭ، މިބަލާއަންނާންޖެހުނީ ނުފޮނުއްވީމައޭ، މި ގެންދަނީއޭ" ކިޔަމުން އާދަނުގެ އަތުގަ ފޮށިގަނޑު ޖުހުނަ ނުދީ ހިފައިގެން ދުއްވައިގެންފީމެވެ. އާދަނުވެސް އަހުރެން ފަހައި ދުއްވައިގެންފިއެވެ. މިހުރިހާކަމެއް ހިނގަމުންދިޔައިރު ގާތުން ދެކި ބަލާންހުރި ބޮޑީގާރޑް ވެސް ދުއްވައިގެންފިއެވެ.
އެއީ މާ ޖާގަބޮޑު ކޮޓަރިއެއްވެސް ނޫނެވެ. ބޮޑު ކޮންފަރެންސް މޭޒު ވަށާ ދެވެއެވެ. އެހެން މާބޮޑު ޖާގައެއްނެތެވެ.
އަހުރެން ނިކުންނަ ދޮރާ ދިމާލަށް ނުގޮސް ދުއްވައިގަތީ މޭޒުވަށައެވެ. އެއޮށް ބަރު ފޮށިގަނޑު ހިފައިގެންނެވެ. އާދަނު އަތަކު ނުޖެހެއެވެ. ބޮޑީގާރޑް ރަގަޅަށް ބަލަމުން، އެކަކާވެސް ގާތްނުވެ، އެއްވަރަށް ދުވެއެވެ. ރަޝާދާއި ޞަޢުދުވެސް މިކަން ބަލަން ތިބިތާ ތިއްބެވިއެވެ. އަހުރެން އެއްކޮޅަށް ދުވެފަ، އަނެއްކޮޅަށް ބުރެއްޖަހާފަ ދުވިވަރަކަށް އާދަނު ދުވެއެވެ. ފުލުސްއޮފީހަށް ގުޅަނިއްޔޭ ގުޅާނަމޭ ކިޔަމުންނެވެ. އަވަހަށް ގުޅާށޭ، އަޅުގަނޑުވެސް ބޭނުމީ މިތަނަށް ފުލުހުން އަންނާށޭ" މިކަހަލަ އެއްޗެހިތަކެއް އަހުރެންވެސް ކީމެވެ. ރެކޯރޑިންގް އެއް އޮތުމަކީ އެކަށޭގެންވާކަމެކެވެ.
މިހެން މޭޒުވަށާ ދުވެލާފައި، ދެކޮޅަކަށް ދެބުރެއް ޖަހާފައި އަހުރެން ދޮރުދޮށާ ދިމާލަށް ދާގޮތް ދައްކާލުމުން އާދަމް މުހައްމަދު ގޮސް ދޮރުގަ ލެނގި ވިއްދައިފިއެވެ. ރަގަޅަށް ދެ އަތް ފުޅާކޮށް ދޮރުބަންދުކޮށްލީއެވެ. އަހުރެން އެދިމާލަށް ދާ ވައްތަރު ދައްކާލާފައި ކުއްލިއަކަށް ފަހަތު ދޮރުން ކޮމިޝަނުގެ އިދާރާގެ ތެރެއަށް ދުއްވައިގެންފީމެވެ. ދެން ފާޚާނާ ކައިރިން ގޮސް ދާ ހިމަ މަގުން އިދާރާ އިން ބޭރަށް ނިކުންނަދޮރަށް ދުވި އިރު އާދަނު ފަހަތުން އާދެއެވެ. އެކަމު އޭރު އޭނާ އާ އަހުރެންނާ ދޭތެރޭ ބޮޑީ ގާރޑް ދުވެއެވެ.
އާދަމް މުޙައްމަދު އޭރު އުޅެނީ 2 ބޮޑީގާރޑުން ގޮވައިގެންނެވެ. އެކަމު އެދުވަހު އޭނަ އެރުޅީގަ އައި އިރު ގާތު އެކަކުވެސް ނެތެވެ. ފަހުން އެނގުނު ގޮތުގައި އެހާރުޅިގަދަވެފަހުރީ ބޮޑީގާރޑް އަށް ކުއްލިއަކަށް ނާދެވިގެން އެކަނި އަންނާންޖެހުމުން އެކަމާވެސް ރުޅިގަދަވެފަހުރިއްޔެވެ.
އާދަނު ރުޅިއައިސަ ހުރިވަރުން ނުވިސްނުނީ ތޯއްޗެކެވެ. އޭރު  އާދަނު ބަންދުކޮށް ހިފަހައްޓައިގެން ހުރި ދޮރުން އޭނާ ނިކުތްނަމަ ނިކުމެވޭނީ އަހުރެންނަށް ނިކުމެވޭން ދެންހުރި ދޮރު ކުރިމައްޗަށެވެ. ކުރިބައްދާ ހުރަސްއެޅުނީހެވެ. އެހެންނަމަވެސް ފަހަތުން އައުމުން އޭނާ އަތުނުޖެހި އަހުރެންނަށް ގޮސް ބޭރަށް ނިކުމެވިއްޖެއެވެ.
މަނާކަމެކޭ، މަނާކަމެކޭ، މަނާކަމެކޭ، ހުއްޓުވާށޭ، އާދަނު އަޑުގެކޮޅަށް ގޮވައެވެ. އެކަކަށްވެސް ގާތްވާކަށް ނުކެރުނެވެ.
އަހުރެން ދުވެފަ ނިކުމެ ސިޑިންދުވެ ފައިބާ ހުއްޓުނީ ތީމުގޭ ބިއްދޮށުފަރާތު ކޮމިޝަން ހުރި އިމާރާތުން ނިކުމެވުމުންނެވެ. ގޯތި ތެރޭގައެވެ. އާދަނެއް ފައްތާހެއް ފަހަތަކުން ނުފައިބައެވެ. އެތާ ބިންމަތީ ފޮށިގަނޑު ބައިދާފައި، އެތާތިބި ސެކިޔުރިޓީ އާއި ދެންވެސް އުޅޭ އެކިއެކި މުވައްޒަފުންނަށް ގޮވާލައި ބަލްވާށޭ މިފޮށިގަނޑުގަ މިހުރީ ހުސް ނިންމުން ނޫންހޭ ކިޔާ ދައްކާލީމެވެ. ބައެއް މީހުން ގާތްވެ ބަލާލިއެވެ.
ދެން އަހުރެން، ނޭވާ ހަމައަކަށް އެޅުމުން، ފޮށިގަނޑު ނަގާ ކިހިލި ޖަހާލައިގެން ނިކުމެއްޖައީމެވެ. އެކުގައި ބޮޑީގާރޑް ހުއްޓެވެ. އެ ނިކުމެގެން އަހުރެން ދިޔައީ ސީގަލްއަށެވެ. އެތަނަށްގޮސް ކެމެރާއަށް އަރާ މޭޒެއްގަ ފޮށިގަނޑު ހިފަހައްޓައިގެން އިނދެ، ދެ މީހުންނަށް ދެ ލެމަންޖޫސް ގެނެސް ބޮއިގެން، ވިސްނާލާފައި އަހުރެން ނިންމީ އަހުރެންމައްޗަށް ތުހުމަތެއް ކުރުމަށް އެއްވެސް ފުރުޞަތެއް ނުދިނުމަށްޓަކައި އެ ފޮށިގަނޑު ހިފައިގެން ފުރަތަމަ ފުލުސްއޮފީހަށް ދާށެވެ.
ދެން އަނެއްކާވެސް އެއްކަލަ ބަރު ފޮށިގަނޑު ކިހިލި ޖަހާ ހިނގައިގެންފީމެވެ. އެކުގައި ބޮޑީގާރޑް ހުއްޓެވެ. ބޭފުޅާ ހެކިވަމު ނޫންހޭ، މި ހިފައިގެން އަހުރެން ތާކަށް އަދި ނުދަމޭ، މިހުރީ ނެރުނު އެއްޗެހި ހުރިގޮތަށްނޫނެހޭ، ހެކިވައްޗޭ، ކިޔަމުން އަހުރެން ދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްގަ ހުންނަ ފުލުހުންގެ މައި މަރުކަޒަށެވެ. އެތަނަށް ގޮސް، ބޮޑުތަކުރުފާނުމަގަށް ހުންނަ ދޮރުން ވަދެ، ކައުންޓަރަށް ގޮސް، އަޅުގަނޑު މިއައީ މި ފޮށިގަނޑުގަ ހުރީ ކޮން އެއްޗެއްކަން ތިޔަބޭފުޅުންނަށް ދައްކާލަންށޭ، މި ބައްލަވާލައްވާށޭ، ބުނެފީމެވެ.
ކައުންޓަރަށް ހަދާނެގޮތް ނޭނގި، އެތެރެ އާ ގުޅައި އެތެރެއިން "ބޮޑުމީހުން" ނިކުމެ، ގޮވާލުމުން އެތާ ތަހްޤީޤްކުރާ ކޮޓަރިއަކަށް ފޮށިގަނޑު ހިފައިގެން ވަދެ، އަހުރެން އެދޭކަންތައް ދަންނަވައިފީމެވެ. އަހުރެން ވައްކަންކޮށްފިއޭބުނެ ޖުޑިޝަލް ސަރވިސް ކޮމިޝަނުން މައްސަލަ ފޮނުވުމުގެކުރީން އަޅުގަނޑު މިއައީ އެބުނާ އެއްޗެހި ދައްކާލާށޭ، މި ފޮށިގަނޑު މިހުރީ ނެރުނުގޮތަށްކަން ބޮޑީގާރޑަށް އެނގޭނެއޭ، މި ފޮށިގަނޑުގައި ކޮމިޝަނުގެ ނިންމުންތައް ފިޔަވައި އެހެން ލިޔުމެއް ވިޔަސް އެއްވެސް އެއްޗެއް އޮތްތޯ ބައްލަވާލަދެއްވާށޭ ދަންނަވައިފީމެވެ.
ކޮންމެއަކަސް، އެއީ ފުލުހުންނަށް ކޮށްދެވޭނެ ކަމެއް ނޫންކަމުގައި ބުނެފިއެވެ. އެކިގޮތަގޮތަށް ބުނެވެސް ވާން ނެތް ކަމެއް ކަމަށް ބުނުމުން، ދެން އެހެންވިއްޔާ ތިޔަބޭފުޅުންގެ މިއަދުގެ ލޮގްފޮތުގައި ކޮމިޝަނު މެމްބަރު ވެލެޒިނީ މިއަދި މިވެނި އިރަކު ފުލުސްއޮފީހަށް އައިސް މިކަހަލަ ކަމަކަށް އެދުނު ވާހަކަ ނޯޓް ކޮށްލަދެވިދާނެހޭ، އެ ވަރުކޮށްލަދެއްވާށޭ ކިޔާ ފޮށިގަނޑު ހިފައިގެން އަހުރެންދިޔައީއެވެ.
އެވަރެއް އަރާ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނިންމުންތައް 2010 ފޮރުވަން އެދުވަނީ ކީއްވެ ހެއްޔެވެ؟ އެނގޭނީ އެލިޔުންތައް ބަލާ ކިޔާލި މީހަކަށެވެ.
(ނިމުނީ)


No comments:

Post a Comment