Wednesday 24 July 2013

A Red Letter to MP Rozeyna

`
މަގުމަތި،
ދުނިޔެމަތި
         
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ރޮޒައިނާ އާދަމަށް،         
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.       
ކަމަނާ އާއި އަހުރެން، އާއިޝަތު ވެލެޒިނީ، މިޖައްސާ މައްސަލައަކީ ކޮބައިކަން ކަމަނާއަށް ދެކެދެނެވަޑައިނުގެންނެވި، އެކި ދުވަސްމަތީން އެކިއެކި ކުދި ޒުވާބު ޖައްސައި، މައުޟޫޢުއިން މުޅިން ބޭރުވެ ގެރިޒުވާބަށް ދާން މަސައްކަތްކޮށް، މިކަން ތަކުރާރުވާވަރުން، ކަމަނާއަށް ޙަޤީޤަތުގައިވެސް އަހުރެން މިކިޔަނީ ކީކޭކަން އެނގިވަޑައިނުގަންނަނީ ކަމުގައި އަހުރެން މިއަދު ޤަބޫލު ކުރާން މަޖްބޫރުވެއްޖެއެވެ. އަހުރެން ވަރަށް ލަދުވެސް ގެންފިއެވެ.
ކަމަނާ އަހުރެންނަށް މަޢާފްކޮށްލަ ދެއްވާށެވެ.
ކަމެއްގައި މީހަކު ޣާފިލުކަމުގައިހުއްޓައި، އެމީހަކު ޒިންމާ ނުއުފުލައޭ ބުނެ ކިތަންމެ ވަރަކަށް ކިޔަސް، ކިތަންމެ ބާރަށް ކިޔަސް، ކިތަންމެ ލޯބިން ބުނެދިނަސް، ކިތަންމެ ރުޅިން ބުންޏަސް، ކިތަންމެ ދުވަހަކު ކިޔަސް، އެ މީހަކަށް ހަމަ ނޭނގޭނެތާއެވެ.
ކުށްވެރިއަކީ އަހުރެންނެވެ. ރޮޒައިނާ އަށް ޙަޤީޤަތުގައިވެސް އެނގިވަޑައިނުގަންނަވަނީކަން އަހުރެންނަށް ނޭނގުނީއެވެ. އަހުރެންނަށް ފެނިފެނިވެސް ޤަބޫލުކުރާންދަތިވެގެން ދެނެނުގަނެވި މިހާދުވަހު ރޮޒައިނާ އަށް ބަސް ބުނެވުނީއެވެ.
ކަމަނާ އަހުރެންނަށް މަޢާފްކޮށްލަ ދެއްވާށެވެ.
ދެން ދަންނަވާލަމެވެ.
މައްސަލައަކަށް އަހުރެންނަށް ވެގެން މިއުޅެނީ؛
1.    ޤާނޫނުއަސާސީގެ 285ވަނަ މާއްދާއަށް ޖޭ.އެސް.ސީ އިން އަމަލުނުކޮށް، ޤާނޫނުއަސާސީއާއި ޚިލާފުވެ، ދިވެހިރާއްޖެއަށް ޤާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މިނިވަންކޯޓު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފިކަމަށް ރައްޔިތުންގެ މަޖިލީހަށް އަހުރެން ފެބްރުއަރީ 2010ގައި ހުށަހެޅި މައްސަލަ ތަޙްޤީޤުނުކޮށް،  ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ މޫނަށް ކުޅުޖަހައި، ޖޭ.އެސް.ސީ މެދުވެރިކޮށް ފަނޑިޔާރުގެ ހިސޯރުކޮށްފި ކަން ރައްޔިތުންނަށް އޮޅުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ.4 އޯގަސްޓް 2010 ދުވަހުގެރޭ އާއްމުކޮށް ނިކުމެ މީޑިޔާގައި ދޮގު ބަސްވިދާޅުވެ، ކަނޑައެޅިގެން ސާބިތުކުރެވޭންހުރި ކަންކަމުގައި ދޮގުތައް ހެދި އެކަކީ ކަމަނާ އެވެ. ކަމަނާ އާއި އެއް ގިންތީގައި އެދުވަހު ދެން ތނިކުމެވަޑައިގެން ތިއްބެވީ މެމްބަރު އަޙްމަދު މަޙްލޫފް އާއި މެމްބަރު ރިޔާޒު ރަޝީދު އެވެ.
2.    އެހެންކަމުން، މިއަދު އެންމެން މިކިޔާ "ފަނޑިޔާރު ޢަލީ ހަމީދު" އަކީ ކަމަނާގެ އުފެއްދުމެކެވެ، ބުނެވިދާނެއެވެ. ހަމައެހެން، އެކިޔާ "ޢަބްދުﷲ ޤާޟީ" އަކީ ވެސް ހަމަ ކަމަނާގެ އުފެއްދުމެކެވެ. އެއީ ކަމަނާ ދިފާޢުކުރި ފަނޑިޔާރުންނެވެ. ލަދެއް ނުގަނޭތޯއެވެ؟
3.    ދެން ތިޔަ ވިދާޅުވާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ފަހްމީ އަކީވެސް ހަމަ ކަމަނާގެ އުފެއްދުމެކެވެ. ތަފްޞީލު އަހުރެން ލިޔެފައި އެވަނީއެވެ.
ދެން މިއަދި މި ކުރައްވާކަންކަމަކީ ކޮން މާނައެއް ހުރި ކަމެއްތޯއެވެ؟ ފަނޑިޔާރުގޭ ބިންގާ ކަތިކުރުމުގައި ރޮޒައިނާގެ ސީދާ ދައުރެއް ނެތުން އެކަށީގެންވެއެވެ. އެހެންނަމަވެސް، ނޭނގިނަމަވެސް، ރައްޔިތުންނަށް މިކަންކަން އޮޅުވާލައި، އެ ބޮޑު ޚިޔާނާތް ސިއްރުކުރުމަށް އެންމެ އިސްކޮށް ނިކުމެ ހުންނެވީ ހަމަ ކަމަނާއެވެ. މުޅި ނިޒާމުގެ ބާރު ކެނޑި، ބަޣާވާތަށް ފުރުޞަތު ދެވުނީވެސް މިކަމުންނެވެ.
އަހުރެން ދެކޭގޮތުގައި މަޖިލީސް ގޮނޑީގައި އިންނަވައި ރޮޒައިނާ ކުރެއްވި ކަންކަމުން، އަދި ނުކުރެއްވި ކަންކަމުން، ޤައުމަށް ލިބިފައިމިވާ ދެމިގެންދާ ގެއްލުމަށް ރޮޒައިނާ ޒިންމާ އުފުލާންޖެހެއެވެ.
ދެން އެހެންނަމަވެސް، އަދިވެސް މައްސަލައަކީ ކޮބައިކަން ކަމަނާއަށް އެނގިވަޑައިނުގަތުމަކީވެސް ހަމައެކަށީގެންވާކަމެކެވެ. މިހެން މިދަންނަވާ ސަބަބަކީއެއްކަލަ ރިޕޯޓެވެ. މަފްހޫމް ނޭނގެންޏާ، ވާންވީ ގޮތް ނޭނގެންޏާ، ވީގޮތް އެގުނަސް އަދި ވާނެކަމެއް ނޯންނާނެތާއެވެ.
ކަމަނާ އަހުރެންނަށް މަޢާފްކޮށްލަ ދެއްވާށެވެ. ދެން އިތުރަށް، އެނގޭނީ ހަމަ ކަމަނާއަށެވެ.
މިސިޓީ ނިންމާލުމުގެކުރީން ކަމަނާގެ ކެތްގަދަ ކަމަށްޓަކައި ކަމަނާއަށް މަރުޙަބާ ދަންނަވަމެވެ. ވަރަށް ގިނަ ރައްޔިތުންގެމަޖިލީހުގެ މެމްބަރުންނަށް އަހުރެން މިދައްކާ ވާހަކަތަކުން އުނދަގޫވެއެވެ. އެ ބޭބޭފުޅުން ވެވަޑައިގެންނެވި ބޮޑު ޚިޔާނާތުގެ ވާހަކަ ދައްކާއަޑު ނޭހުމަށެވެ. ކަމަނާއާއި ގާތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމުގައި މިތިއްބެވި ޢަބްދުﷲ ޝާހިދު، އަޙްމަދު މަޙްލޫފް، ރިޔާޒް ރަޝީދު ފަދަ ބޭފުޅުންގެ ކެތްގަދަކަމެއްވެސް، ކެތްތެރިކަމެއްވެސް ނެތެވެ. ކަމަނާ މިއަދުވެސް އަހުރެން ބްލޮކް ނުކޮށް ކަމަނާއަށް ދޭހަވާ މިންވަރުން ތިޔަދަނީ ޖަވާބުދީ ޒުވާބުދެމުންނެވެ. އެ ބޭފުޅުން އެތިއްބެވީ އަޑު ނޭހުމަށް ޓްވިޓަރުގައިވެސް އަހުރެން ބްލޮކް ކޮށްގެންނެވެ!
ރޮޒޭނާ އަށް މަރްޙަބާ!
عيد مبارك
24 ޖުލައި 2013
                                                                                                                              އާއިޝަތުވެލެޒިނީ
                   

2 comments: