Friday, 3 May 2013

 "ޖޭއެސްސީގެ ރައީސް މަޖިލީހުގެ ރައީސްއަށް ރައްދުދީފި"

ނޯޓް:  މިލިޔުމަކީ އެމްވީޔޫތު http://www.mvyouth.mv/live/52497/ ގައި 3 މެއި 2013 ގައި ޝާޢިއުކޮށްފައިވާ ޚަބަރު  "ޖޭއެސްސީގެ ރައީސް މަޖިލީހުގެ ރައީސްއަށް ރައްދުދީފި" ސިޔާސީ ފިކުރުގެ ބޭރުން ދެނެގަތުމަށް ބައެއް މަޢުލޫމާތު ގެނެސްދީފައިވާ ލިޔުމެކެވެ.


ޖޭއެސްސީގައި މަޝްވަރާނުކޮށް ޖެއެސްސީއިން ރައީސް ނަޝީދުގެ މައްސަލަ އަވަސްކޮށްދިނުން އެދި ހައިކޯޓަށް ސިޓީ ނުފޮނުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ އަބުދުﷲ ޝާހިދު ވިދާޅުވުމުން ޖޭއެސްސީގެ ރައީސް އާދަމް މުޙައްމަދު ޝާހިދަށް ރައްދުދީފިއެވެ.
·        މަޖިލީހުގެ ރައީސް ޖޭ.އެސް.ސީ މެމްބަރު 158(ހ) އެ ނެންގެވީ ޤާނޫނީ ނުކުތާއެކެވެ. ޤާނޫނުއަސާސީގެ 163ވަނަ މާއްދާގައި ބުނާގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެއްވެސްކަމެއް ނިންމޭނީ ޞައްޙަ ޖަލްސާއެއް ބާއްވައި އެޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންކަމަށްވީހިނދު އެނޫންގޮތަކަށް ކޮމިޝަނުން އެއްވެސްކަމެއް ނުނިންމޭނެއެވެ. އަދި އެފަދަ ނިންމުމެއްނެތި ކޮމިޝަނުގެ ނަމުގައި މުޢާމަލާތެއްވެސް ނުކުރެވޭނެއެވެ. ޤާނޫނުއަސާސީގެ 158ވަނަ މާއްދާބުނާގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ އެމާއްދާގެ (ހ) އިން (މ) އަށް ބަޔާންކޮށްފައިވާ 10 މެމްބަރުންނެވެ.
·        ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫނީހަމަތަކުން އެއްވެސް ކަމެއް ނިންމެނީ މައްސަލަ އެޖެންޑާކޮށް، މެމްބަރުންނަށް އެޖެންޑާ އާއި އެޖެންޑާ އައިޓަމްތަކާއިގުޅޭ ލިޔެކިޔުންތައް މަދުވެގެން 24ގަޑިއިރުކުރިން ފޮނުވައި، ޖަލްސާގައި އެ ހުށަހެޅުނު މައްސަލައަށް މެމްބަރުން މަޝްވަރާކުރުމަށް ފުރުޞަތުދީ، އިއްތިފާޤު ނުވެވިއްޖެ ހިނދެއްގައި ވޯޓެއްނަގައި ޖަލްސާއަށް ޙާޟިރުވެ ތިއްބެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނިންމުންތައް ފާސްކުރާގޮތަށް އަކުރުންއަކުރަށް ބަޔާންކޮށް "ކޮމިޝަނުގެ ނިންމުން" ގޮތުގައި ފެންނަންހުންނާންވާނެއެވެ. އަދި އެ ނިންމުމެއް ނިންމިގޮތުގެ މަޢުލޫމާތު، ވޯޓްނެގިދުވަހާއި، ވޯޓުގައި ބައިވެރިވި މެމްބަރުންނާއި،  މެމްބަރުން ވޯޓްދިންގޮތާއި، ވޯޓްގައި ބައިވެރިނުވާ މެމްބަރުންވެސް ލިޔެކިޔުމުން ފެންނާން ހުންނާންވާނެއެވެ.
·        ވީމާ، މިދެންނެވި ގޮތުގެ މަތީން ނިންމައި ލިޔެކިޔުން ފެންނާން އެއްވެސް ކަމެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި، ކޮމިޝަނުގެ ރައީސް ވިއަސް، ކޮމިޝަނުގެ އިދާރާއިން ވިޔަސް،  އަދި ކޮމިޝަނުގެ މެޖޯރިޓީއެއްބަސްކިޔާފަވިޔަސް، ބުނާ ބުނުމަކީ ޞައްޙަބުނުމެއްނޫނެވެ. އެ ބަހެއް ބުނާ ފަރާތަކުން އެކުރަނީ ޤާނޫނުއަސާސީއާއި ޚިލާފު އަމަލެކެވެ. ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާ ދައުލަތާއި އިދިކޮޅު އަމަލެއްވެސްމެއެވެ.   
ޝާހިދު ޖޭއެސްސީގެ ރައީސަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި މިއަދު ޖޭއެސްސީން ޝާހިދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖޭއެސްސީއަށް ރައްދުވާގޮތައް ކޯޓުތަކުގައި ކުރިއަށްދާ ދައުވާތައް އަވަސް ކޮއްދިނުން އެދި ސިޓީ ފޮނުވުމުގެ ބާރު ޖޭއެސްސީގެ ރައީސަށް ލިބިގެންވާކަމަށެވެ.
·        ސިޓީ ފޮނުއްވެވީ ޖޭ.އެސް.ސީ މެމްބަރު 158 (ހ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއެވެ. ސިޓީ ރައްދުވާ ފަރާތަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނެވެ. ކުރިން ފާހަގަކުރި ފަދައިން، ޤާނޫނުއަސާސީގެ 158ވަނަ މާއްދާބުނާގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ އެމާއްދާގެ (ހ) އިން (މ) އަށް ބަޔާންކޮށްފައިވާ 10 މެމްބަރުންނެވެ. ވީމާ، އެސިޓީއަކީ ކޮމިޝަނުގެރައީސް އަމިއްލަފުޅަށް ޖަވާބުދެއްވޭނެ ސިޓީއެއް ނޫނެވެ. އެ ސިޓީވާނީ ކޮމިޝަނުގެ ޖަލްސާއެއްގައި އެންމެ އަވަހަށް އެޖެންޑާކޮށް މަޝްވަރާކުރާށެވެ. ގޮތެއް ނިންމޭނީ ޤާނޫނުއަސާސީގެ 163ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
·        ހުށްހެޅިފައިވާ މައްސަލައަކީވެސް ރައީސް ނަޝީދުގެ ޝަރީޢަތާއިބެހޭ މައްސަލައެއްނޫނެވެ. ޙަޤީޤަތުގައި ކޮމިޝަން ކުރިމަތީ އޮތީ ކޮމިޝަނުގެ ރައީސް ޤާނޫނުއަސާސީއާއި ޚިލާފަށް، މަޤާމުގެ ބޭނުން ނަހަމަގޮތުގައިހިފައި، މަޤާމުގެ ނާޖާއިޒު ފައިދާ ނަގައި، ޤާނޫނުއަސާސީއާއި ޚިލާފުވެވަޑައިގެންނެވި މައްސަލައެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމާންއޮތީ އެކަމުގައެވެ.
·        ހަމައެއާއިއެކު، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަކަށް ހުންނަވައި ކޮމިޝަނުގެ މަޤާމުގެ ހައިސިއްޔަތުން ޤާނޫނުއަސާސީއާއި ޚިލާފުވެވަޑައިގަތީ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ވީ ހިނދު މިއީ ސުޕްރީމްކޯޓުންވެސް ފިޔަވަޅު އަޅާންޖެހޭކަމެކެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ނަގެހެއްޓުމަށާއި، ސުޕްރީމްކޯޓުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދައި ދެމެހެއްޓުމަށްވެސްމެއެވެ.
ޖޭއެސްސީން ރައީސް ނަޝީދުގެ މައްސަލަ އަވަސް ކުރަން ސިޓީ ފޮނުވުމުން ދާދިފަހުން އެމްޑީޕީއާއި ގުޅިވަޑައިގަތް އަބުދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ނަޝީދުގެ ދިފާއުގައި ފޮނުއްވެވި ސިޓީއަށް ރައްދުދީ ޖޭއްސީން ޝާހިދަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ ހައިކޯޓަށް ޖޭއެސްސީން ސީޓީ ފޮނުވީ މީގެ ކުރިން ނިއްމާފާވައި ނިއްމުންތަކާއި ކަމާގުޅޭ އުސޫލު ތަކާއި އެގޮތައް ކަމަށެވެ.
·        ކޮމިޝަނުގެ ރައީސް އާދަމް މުޙައްމަދު އެވިދާޅުވަނީ ތެދެކެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފެށުނީއްސުރެންވެސް ހިންގަމުން އައީ ޤާނޫނުއަސާސީއާއި ޚިލާފަށްކަމުން ހައިކޯޓަށް ޖޭއެސްސީން ސީޓީ ވެސް ފޮނުވާފައި އެވަނީ މީގެ ކުރިން ވެސް ކަންކުރި ޘަޤާފަތުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކީ އެދުވަހަކުވެސް، މިއަދަކުވެސް، ޤާނޫނީގޮތުން ޞައްޙަ ނިންމުންތަކެއްނޫނެވެ.  
·        ޖުޑިޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީކުރުމުގެ ޤާނޫނީ ޒިންމާ އުފުލާންޖެހޭ ރައްޔިތުންގެމަޖިލީހުން އެ ކޮމިޝަން ޖަވާބުދާރީ ކުރުމުން ނުކުޅެދުމުން މިއަދާހަމައަށްވެސް ޤާނޫނުއަސާސީއާއި ޚިލާފަށް ކަންކަން ކޮށްލަކޮށްލާއޮތީއެވެ.
އަބުދުﷲ ޝާހިދުގެ ސިޓީއަށް ރައްދުދީ ޖޭއެސްސީން ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ “މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ސިޓީއާބެހޭގޮތުން ކަންހިގާފައިވާގޮތް، އެއްވެސް ޝައްކަކަށް އަދި ވަހުމަކަށް ތަން ނުދޭ މިންވަރަށް މި ސިޓީން ސާފުވެ ވަޑައިގަންނަވާނެ ކަމަށް އުންދީމު ކުރަމެވެ.”
·        އާދަމް މުޙައްމަދަށް ޤާނޫނުއަސާސީގެ މަފްހޫމްތައް ދެނެނުގަނެވޭކަމާއި، އާދަމް މުޙައްމަދުގެ ކިބައިގައި ފަނޑިޔާރެއްގެ ސުލޫކެއް އަޚްލާޤެއް ނެތްކަންވެސް، ކުޑަވެސް ޝައްކަކަށް އަދި ވަހުމަކަށް ތަން ނުދޭ މިންވަރަށް ދިވެހި ރައްޔިތުންނަށް މިދަނީ ހާމަވަމުންނެވެ. މި ފޮނުވި ސިޓީއަކީ އައު އަނެއްކާވެސް އެކަމުގެ ސާފު ހެއްކެކެވެ.
·        ހަމައެއާއިއެކު، އާދަމް މުޙައްމަދު ހައިކޯޓަށް ފޮނުއްވި ސިޓީއާއި ޢަބްދުﷲ ޝާހިދަށް ފޮނުއްވިސިޓީއިން ކުޑަވެސް ޝައްކަކަށް އަދި ވަހުމަކަށް ތަން ނުދޭ މިންވަރަށް ސާފުވަނީ ވަކި ސިޔާސީ މަޤްޞަދެއް އާދަމް މުޙައްމަދުގެ އޮތްކަމާއި، އާދަމް މުޙައްމަދު ކޮމިޝަގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ސިޔާސީ އެޖެންޑާއެއް ހިންގުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ބާރުތައް ބޭނުންކުރައްވާކަމެވެ.

* * *No comments:

Post a Comment